ކުރީގެ ނައިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ އިސްވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދާ ގުޅުވާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްކެވި ވާހަކައަށް އޭނާ ރައްދުދެއްވައިފިއެވެ.

އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ އަރިހުގައި މިއަދު ހުންނެވީ އެމަނިކުފާނުގެ ވެރިކަން ވައްޓާލަން ނުކުންނެވި ދެ ބޭފުޅުން (ޖަމީލް އަދި މުހައްމަދު މަލީހް ޖަމާލް) ކަމަށެވެ. އަދި ސަބަބު ބަޔާން ކުރެއްވުމަށް ފަހު، އެ ކަންތައްތަކުގެ ސަބަބުން ޖަމީލަށް އިތުބާރު ނެތް ކަމަށް ރައީސް ޔާމީން އޭރު ވިދާޅުވި ކަމަށެވެ.

ރައީސް ޔާމީން އިތުބާރު ނެތް ކަމަށް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުން ޖަމީލުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ނައިބު ރައީސްގެ މަގާމުން ވަކިކުރިކަން ނައިބު ރައީސް ހުސައިން ފާހަގަ ކުރެއްވިއެވެ. އަދި މަގާމުން ވަކި ކުރުމަށްފަހު، ރައީސް ޔާމީންއަކީ އުމުރު ދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ޖަމީލް ވިދާޅުވި ކަމަށާއި ދައުލަތުގެ ވަށާ އެނބުރޭ ހުރިހާ ފައިސާއަކީ ދޫވެއްސަށް ވަންނަ ފައިސާތަކެއް ކަމަށް ވިދާޅުވިކަން ވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ޖަމީލްގެ ހިތް ރަނގަޅު ނޫން ކަމަށާއި ޖަމީލްއަކީ ޔާމީންއަށް ހެޔޮއެދިވަޑައިގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ލީޑަޝިޕަށް ވަޑައިގެން ވެސް ވަރަށް ގިނަ އިތުރުފުޅުތައް ޖަމީލް ހައްދަވާފައިވާ ކަމަށް ނައިބު ރައީސް ހުސައިން ފާހަގަކުރެއްވިއެވެ. އަދި ޖަމީލް ރައީސް ޔާމީންއަށް އިހްލާސްތެރި ނުވާނެ ކަމަށާއި ހުރީ ވެރިކަން ބޭނުންވެވަޑައިގެންފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލް ވަނީ އޭނާގެ ކުށަކީ ރައީސް ޔާމީންގެ ދިފާއުގައި ވަރުބަލިކަމެއް ނެތި ކޯޓުގައި ވަކާލާތު ކުރެއްވުމާއި އަދި ކާމިޔާބީ ލިބުމުން އެހެން ފަރާތްތަކުން ރައީސް ޔާމީން ދޫކުރައްވާ ވަޑައިގެން ނަމަވެސް، ދުރަށް ވަޑައިނުގެން ޔާމީންއާއެކު އޭނާ ހުންނެވުންތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ގެނައުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ބޭއިންސާފުގެ ކުރިމަތީ ބޯނުލަނބާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކޮންމެ ފަދަ ނަތީޖާއެއް ނުކުތް ކަމުގައިވިއަސް ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމެއް ދޫނުކުރައްވާނެ ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ހުރަސްކުރައްވަން ޖެހިވަަޑައި ނުގަންނަވާނެ އިންތަކެއް ހުންނާނެ ކަމަށެވެ. އަދި ނައިބު ރައީސް ރަމްޒު ކުރައްވަނީ ބާރު، ނާޒާހަތްތެރިކަން އަދި ހުރިހާ ދިވެހިރައްޔިތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.