ދިރާގުގެ ބިޒްނަސް ސަޕޯޓު އަޕްގްރޭޑުގެ ދެވަނަ މަރުހަލާގެ މަސައްކަތް ކުރުމަށް އަންނަ ހޯމަ ދުވަހާ ހަމައަށް ދިރާގުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ އެކުންފުނިން މިހާރު ދެމުން އަންނަ ހިދުމަތަށްވުރެ ރަނގަޅު ހިދުމަތެއް ކަސްޓަމަރުންނަށް ދިނުމުގެ ގޮތުން ކުރާ މަސައްކަތެކެވެ. މި މަސައްކަތް ފަށާފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. އެހެންކަމުން އަންނަ ހޯމަ ދުވަހާ ހަމައަށް ބައެއް ހިދުމަތްތައް މެދުކެނޑިގެން ހިނގައިދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެގޮތުން އެކުންފުނިން ބުނީ ރޭގެ ދަންވަރު 12:00އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 23:00އާ ހަމައަށް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތާއި ބިލު ދެއްކުމުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ބިލު ނުދައްކައިގެން އެއްވެސް ހިދުމަތެއް ކަނޑާނުލާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫ އެރި ނަމަވެސް ފޯނުން ގުޅުމާއި އިންޓަނެޓާއި ފިކްސްޑް ލައިން ބޭނުން ކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދޭ ކަމަށެވެ.

ދިރާގުން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ