ކ. ކާށިދޫ އަދި ވ. ކެޔޮދޫގައި ދިރާގުން ރަސްމީކޮށް ދިރާގު ޓީވީގެ ހިދުމަތް އިފްތިތާހްކޮށްފިއެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އައިޕީޓީވީގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. ދިރާގު ޓީވީގެ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއް ނެތި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތައް ވެސް ލިބިގެންދާނެއެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާއި މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ހާއްސަ ޗެނަލްތައް ދިރާގު ޓީވީ މެދުވެރިކޮށް ލިބިގެންދާނެއެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެންއާ ކަލާސްއާ ސޮނީ އަދި ޓެން ސްޕޯޓްސްގެ އިތުރުން ޑިޒްނީގެ ޗެނަލްތައް ހިމެނެއެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތެކެވެ. އެހެން ނަމަވެސް، ދިރާގު ޓީވީގެ ސަބަބުން ގޭގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ބޭނުން ކުރުމަށް އިތުރު ހަރަދެއް ނުހިނގާނެއެވެ. މީގެ އިތުރުން ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ވެސް ޓީވީ ބަލާލެވޭނެއެވެ.

ދިރާގުން ވަނީ ދިރާގު ޓީވީ އަށް ހާއްސަ އެޕް އަދި ވީޑިއޯ އޮން ޑިމާންޑް ފީޗާއެއް ތައާފަރުކުރުމުގެ އިތުރުން ރާއްޖޭގެ ގޭބިސީގެ 72 އިންސައްތައަށް މި ހިދުމަތް ފޯރުކޮށްދީފައިއެވެ.