ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ ފަރާތުން 'ބްލަޑް ބޭންކް' އަށް ލޭ ހަދިޔާކުރުމަށް ހާއްސަ ބްލަޑް ކޭމްޕެއް މިއަދު ފަށައިފިއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާއި އެޗްޑީސީ ގުޅިގެން މިއަދު ކުރިއަށްގެންދާ މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ ބްލަޑް ބޭންކަށް ބޭނުންވާ ލޭ ހޯދައިދިނުމުގައި އެހީތެރިވެ، ވީހާވެސް ގިނަ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާކުރުމެވެ. މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގައި، މެޑިކަލް ޗެކަޕް ހެދުމަށްފަހު އެޗްޑީސީގެ ހުރިހާ މުވައްޒަފުންނަށްވެސް ލޭ ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ

މި ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ސީއެސްއާރު އެސިސްޓެންޓް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވީ، މިފަދަ ކޭމްޕެއް އިންތިޒާމުކުރީ ބްލަޑް ބޭންކުގައި ލޭ މަދުވެފައިވާ ކަމުގެ މައުލޫމާތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ލިބުމާ ގުޅިގެން ކަމަށެވެ. އަދި މި ކޭމްޕަށް މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުޙީބަކާއި އެއްބާރުލުމެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޝަހީދު ވިދާޅުވީ، ބްލަޑް ބޭންކަށް ދިމާވި ލޭގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުވެސް އެޗްޑީސީން އިސްނަގައިގެން މިފަދަ ކޭމްޕެއް ބާއްވާފައިވާ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ މިއަހަރުގެ ތެރޭގައިވެސް އިތުރު މިފަދަ ކޭމްޕެއް ކުރިއަށްގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީގެ އިޖްތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން މުޖުތަމައަށް ފައިދާހުރި މިފަދަ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށްގެންދިއުމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް ހާއްސަ އިސްކަމެއްދޭ ކަމެކެވެ.