މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ރަސްމީކޮށް ފަށައިފިއެވެ.

މި މަހުގެ 5 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ އަންހެނުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މިއަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން 164 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، އެޗްޑީސީން ވަނީ އެ ހުރިހާ ފަރާތްތަކަށްވެސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ބެޗުތަކަށް ބަހާލައިގެންނެވެ.

މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ދިރިއުޅުމުގެ އާންމު ކަންކަމުގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަންހެނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ. 2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރު ވަނީ ތަމްރީނު ދޭ ދާއިރާތައް އިތުރަށް ފުޅާކޮށްފައެވެ.

އެގޮތުން، ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ނުވަތަ ޑޮމެސްޓިކް އެޕްލައެންސަސް މަރާމާތުކުރަން ދަސްކޮށްދިނުމުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ދެނެގަނެ، އެކަންކަން އަމިއްލައަށް ހައްލުކުރަން ދަސްކޮށްދިނުމުގެ ބައިތައް މިއަހަރުގެ މުގައްރަރުގައި ވަނީ ހިމަނާފައެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށްވެސް އެކަން ފާހަގަކޮށް ސެޓްފިކެޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ވިލުންވެރި ކަނބަލުން" ޕްރޮގްރާމުގެ ތެރެއިން

އެމްއައިޓީއާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ސަބަބުން، އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި ފަންނީގޮތުން އަހުލުވެރި ބަޔަކަށް ވެގެންދާނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެންވެސް ހުނަރުވެރިކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށް އެޗްޑީސީން ވަނީ ރާވާފައެވެ.