ހުޅުމާލެއަށް ގިނަ ބަޔަކު ލަފާފުރުމަށް ބޭނުންކުރާ ރަށުގެ ހުޅަނގު ފަރާތު ލަކުޑި ޖެޓީއަށް ގެއްލުންތަކެއް ލިބުމާ ގުޅިގެން އެ ޖެޓީ ވަގުތީގޮތުން ބަންދުކޮށްފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެޓީއަށް ބާޖެއް ގާތްކުރުމުގެ ތެރޭގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު އެ ޖެޓީ ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ސަލާމަތީ ރައްކާތެރިކަމަށްޓަކާ ޖެޓީ ބަންދުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހާ އެސެސްމަންޓްތައް ހަދައި، މަރާމާތުގެ މަސައްކަތްތައް ނިމި އެތަން އަލުން ހުޅުވާލަންދެން، ލަކުޑި ޖެޓީއަށް އެރުމާއި އެއްވެސް ބޭނުމަކަށް އެ ތަން ބޭނުންކުރުމަކީ މިއަދުން ފެށިގެން ވަގުތީގޮތުން މަނާ ކަމެއް ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ މަރާމާތުގެ މަސައްކަތް ނިމެންދެން އެއްވެސް ބޭނުމަކަށް ލަކުޑި ޖެޓީ ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. މި ނިންމުމުގެ ސަބަބުން އާންމުންނަށާއި ވިޔަފާރިތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކޯޕަރޭޝަނުން ވަނީ މައާފަށް އެދިފައެވެ.

ހުޅުމާލޭ ހުލަނގު ފަރާތު މެރީނާ ސަރަހައްދުގައި ދެ ލަކުޑި ޖެޓީ އޮވެއެވެ. މީހުން ބޭލުމަށާއި އެރުވުމަށް ދުވާލަކު އެތައް އުޅަނދެއް ދެ ޖެޓީއަަށްވެސް ގާތްކުރެއެވެ. ހާއްސަކޮށް ސަފާރީތަކަށް މީހުން އުފުލާ ޑިންގީތައް އެތަނަށް ކައިރިކުރެއެވެ.

އެ ޖެޓީ ހަލާކުވެގެން 2022 ވަނަ އަހަރުވެސް ވަނީ އެތަން މަރާމާތު ކުރަން ބަންދުކޮށްފައެވެ.