ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ 42 ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ހިޔާނާތުގެ 42 ދައުވާ އެއް އަންމަޓީގެ މައްޗަށް އުފުލާފައި ވަނީ، އާބަންކޯ (ކުރީގެ އެޗްޑީސީ) އާއި ސީލައިފާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3 ހާސް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ފައިސާ ނަގައި، ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައެވެ.
މި މަޝްރޫޢުއުގެ ދަށުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ސީލައިފުން ވަނީ ފައިސާ ނަގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ފިޔަވަހީގައި އެކަނިވެސް 280 އަށްވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވެއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ޕީޖީ އޮފީހުން ބުނީ ދައުވާތައް ސާބިތުނުވާކަމަށް ނިންމާފައިވަނީ މި ދައުވާތަކަކީ މަދަނީ ދައުވާތަކެއްކަމަށާއި، އަންމަޓީގެ މި އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމުންކަމަށް ވާތީ ކަމަށެވެ.
ނަމަވެސް މި ދައުވާތަކަކީ ގާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ ހުރިހާ ކަމެއް ފުރިހަމަވާ ދައުވާތަކެއްކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މަޝްރޫއު ކުރިއަށްގެންދިއުމުގެ ގާބިލުކަން ނެތި މަކަރާއި ހީލަތުން އާންމުންގެ އަތުން ފައިސާ ނަގާ އެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމަކީ ޖިނާއީ ކުށެއްކަމަށާއި، މިއީ މަދަނީ ތަބީއަތުގެ މުއާމަލާތްތަކެއްކަމަށް ކޯޓުން ނިންމާފައިވަނީ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމެއް ނެތިކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފެންމަތިވުމާއެކު އަންމަޓީ ވަނީ ފިލައިގެން ގޮސްފައެވެ. ދެ އަހަރަށްވުރެ ގިނަ ދުވަހު ސްރީލަންކާގައި ފިލައިގެން އުޅެނިކޮށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެ، އަންމަޓީ ހައްޔަރުކޮށް ރާއްޖެ ގެނައީ 2021 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
އޭގެ ފަހުން ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އޭނާގެ މައްޗަށް އުފުލާ، 30 މޭ 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުން ދޫކޮށްލުމުން އެތައް ފަހަރަކު ދައުލަތުން އެކަން އިސްތިއުނާފުކޮށްފައިވެސް ވެއެވެ.
