ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއް ކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް ބާޒާރުގެ އަގަށްވުރެ ބޮޑު އަގުގައި ގަތް މައްސަލައިގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ 4 މުވައްޒަފެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީން ނިންމައިފިއެވެ.
މި މައްސަލައިގައި ދަޢުވާކުރަން ފޮނުވަން ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި މުވައްޒަފާއި، ބިޑު ކޮމިޓީގެ 3 މެންބަރެއްގެ މައްޗަށެވެ.
މި މައްސަލައަކީ އޭއީއެޗާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް 4 މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް 2025 ވަނަ އަހަރު ކުރި އިޢުލާނަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ.
އެ އިއުލާނުގައި ހިމެނޭ 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިއުލާނުކުރުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެ ތަކެތި ހޯދާފައިވާކަން އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
އޭސީސީން ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ފަރާތްތަކަކީ:
- މުހައްމަދު ސާއިން އަހުމަދު (ފިޔަނޫމާގެ/ ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސާ / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)
- އަޡީމް ލަތީފް (އެވެރެސްޓު/ ސ. ހިތަދޫ) – ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސާ (ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއާޕާސަން)
- އަބްދުﷲ ވަހީދު (ތައުރުއްގެ/ ސ. ހިތަދޫ) – ސީނިއަރ ކަސްޓަމާ ރިލޭޝަންސް އޮފިސާ (ބިޑު ކޮމިޓީގެ މެންބަރު)
- ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ/ ސ. ހިތަދޫ) – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)
މި ފަރާތްތަކުގެ މައްޗަށް ކުރުމަށް ފޮނުވަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، އެ ގާނޫނުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މީގެއިތުރުން، މި މައްސަލައިގައި ގެއްލުންވި ފައިސާގެ އަދަދު ހިސާބުކޮށް، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރި އޭއީއެޗްގެ މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އެ ފަރާތްތަކުން އަނބުރާ ހޯދަންޖެހޭ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.
