ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި މިވަގުތު ބަންދުގައި ބަހައްޓާފައި ހުރީ ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ އަބްދުﷲ ސައްމާހް ހަސަން (20އ) އެކަންޏެވެ. ކޯޓުން ވަނީ އޭނާ އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލައިފައި ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވަނީ އަނޫފް ބިން މުހައްމަދު (21އ)، ހ. ފިލްމީސައިޓް، އަހުމަދު ޝިނާޒް (30އ)، ކ. ގާފަރު، މަލަ، އަހުމަދު މާއިޝް މުހައްމަދު (21އ)، ސ. ހިތަދޫ، ފެނީވާއެވެ.
ރަށުން ބޭރަށް ދިއުން މަނާކޮށް އެ ތިން މީހުން ދޫކޮށްލުމަށް ކުރި އަމުރުގައި ބުނެފައިވަނީ، ފުލުސް މީހާގެ ގައިގައި ޖެހުނު އެކްސިޑެންޓް ހިނގާފައިވަނީ އެ މީހުން ދުއްވަން އިން ސައިކަލުން ނޫން ކަމަށެވެ. އަދި އެ މީހުން ޝަރުތުކޮށް ދޫކޮށްލުމަށް ޕީޖީ އޮފީހުންވެސް އެދިފައިވެއެވެ.
ބަންދު އަމުރުގައިވާ ގޮތުން ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސައްމާހް ދުއްވަން އިން ސައިކަލުން ޖެހިގެންނެވެ. އަދި ފުލުސް މީހާއަށް ލިބިފައިވާ އަނިޔާތައް މެޑިކޯ ލީގަލް ރިޕޯޓުން ސާފުވާ ކަމަށްވެސް އަމުރުގައިވެއެވެ. މީގެ އިތުރުން ހައްޔަރުކުރެވުނު ހަތަރު މީހުންގެވެސް ޔޫރިން ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ސައްމާހް ކޯޓުގައި ބުނެފައިވަނީ އޭނާ ސައިކަލު ދުއްވީ ބާރު ސްޕީޑުގައި ނޫން ކަމަށާއި، އެއީ އޭނާގެ ރައްޓެއްސެއްގެ ސައިކަލެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ ބަޔާނާއި ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ ސައިކަލު ދުއްވާފައިވަނީ ވަރަށް ބާރު ސްޕީޑެއްގައި، މަސްތުގެ ހާލަތުގައި ހުރެގެންނެވެ.
މި އެންމެންގެ މައްޗަށްވެސް ފުލުހުން ކުރަނީ މަސްތުގެ ހާލަތުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތެވެ.
