ހުޅުމާލޭ ފިހާރައެއްގެ ކޭޝިއަރަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 18 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް މިއާގެ މައްޗަށެވެ. މައްސަލަ ނަންބަރު 1605/2025 ގެ ގޮތުގައި ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ބުދަ ދުވަހުއެވެ.

މި ހާދިސާ ހިނގާފައިވަނީ 2025 ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ 12:15 އާއި 12:45 އާ ދެމެދުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ކުށް ސާބިތުވި ޖަހަންގިރް މިއާ ވަނީ ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ އޯސީސީ ފިހާރައަށް ވަދެ، އެ ފިހާރައިގެ ކޭޝިއަރަކަށް އިން ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ޗަންދްރިކާ ލިމްބޫގެ ކަރަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލާފައިވަނީ ގާނޫނު ނަންބަރު 2025/7 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

މި ކުށުގެ އަދަބެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމެވެ.

ނަމަވެސް، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ތަހުގީގަށާއި ޝަރީއަތުގެ މަރުޙަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ޖަހަންގިރް މިއާ ތަންފީޒު ކުރަންޖެހޭ އަދަބެއްގެ ގޮތުގައި ކޯޓުން ކަނޑައަޅާފައިވަނީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު، 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.