ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރުގެ އެޕާޓްމެންޓެއްގައި ހިންގަމުންދިޔަ ލޯންޑްރީ ހިދުމަތް ހުއްޓާލަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނޯޓިސް ދީފިއެވެ.

ވިނަރެސް ފުލެޓެއްގައި ލޯންޑްރީ ހިދުމަތް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާ ވީޑިއޯ އިން ފެންނަ ގޮތުން އެ އެޕާޓާމެންޓުގައި އަންނައުނު ދޮންނަން ބޮޑެތި މެޝިންތައް ބަހައްޓާފައިވެއެވެ. އަދި އަންނައުނު އިސްތިރިކުރުމަށް ބޭނުންކުރާ ސާމާނާ، ފަތްޖަހައިލެވޭ މެޝިންތަކާ، އަންނައުނު އަޅާ ބޮޑެތި ދަބަސްތައް ހުރި މަންޒަރު ފެނެއެވެ.

މި ތަނުގެ މަސައްކަތްތައް ހިނގަމުން ދިޔަ ވަގުތު ހައުސިން ގްރޭޓާ މާލެ ކިޔާ އެކައުންޓަކުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މިކަމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަނުގައި ބޭނުން ކުރަމުންދާ އެލްޕީޖީ ގޭސް ޕަވާޑް އިންޑަސްޓްރިއަލް މެޝިންތައް ކަމަށެވެ. މިއީ އަލިފާނުގެ ނުރައްކާ އިންތިހާއަށް ދިމާވާ ކަމެއް ކަން ފާހަގަކޮށް މީހުން ދިރިއުޅޭ އިމާރާތެއްގައި މިކަން ހުއްދަވެގެން ނުވާނެކަމަށް އެ ޕޯސްޓުގައިވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ވިނަރެސް ޓަވަރުގައި ލޯންޑްރީ ފެކްޓްރީ ހިންގާކަން އެޗްޑީސީއަށް ފާހަގަވެ އެކަން ހުއްޓާލުމަށް މިހާރު ނޯޓިސް ދީފައި ވާނެކަމަށެެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި އެ މަސައްކަތަށް ހުއްދަ ދީފައި ވަނީ ރަށުގެ އިރުމަތީ އަދި ދެކުނުގެ ސަރަހައްދުތަކެވެ.