އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވަޑް މި ސީޒަންއަށް ފަހު ކްލަބާ ވަކިވާނެކަން އިއުލާނުކޮށްފިއެވެ.

އިންސްޓަގްރާމްގައި ކުރި ވީޑިއޯ ޕޯސްޓެއްގައި ސަލާހް ބުނީ 2017 ވަނަ އަހަރު އޭނާ ގުޅުނު ކްލަބާ ވަގިވާންވީ ވަގުތު ޖެހިއްޖެ ކަމަށާ މިއީ ވޭތުވެދިޔަ 8 ސީޒަންގައި އޭނާ ކުޅުނު ކްލަބަށް ކިޔާ އަލްވަދާއުގެ ފެށުން ކަމަށެވެ.

އިޓަލީގެ ރޯމާއިން ލިވަޕޫލާ ގުޅުނު ފޯވަޑް ބުނީ ލިވަޕޫލާ ގުޅުނު އިރު އެކްލަބާ އެ ސިޓީ އޭނާއާ އޭނާގެ އާއިލާއަށް މިހާ ތަނަކަށް ވާނެ ކަމަށް ދުވަހަކު ވެސް އުއްމީދު ނުކުރަން ކަމަށެވެ. އަދި ލިވަޕޫލާއާއެކު ހޯދާފައިވާ ހުރިހާ ކާމިޔާބީތައް ހަނދާން ހުންނާނެ ކަމަށާ ކްލަބާ ފޭނުންނާއެކު ހުރަސްކުރި އަނޑިގުނޑަންތައް ވެސް ހަނދާން ހުންނާނެ ކަމަށް ސަލާހް ބުންޏެވެ.

ސަލާހް މިސީޒަންގައި ލިވަޕޫލާ ވަކިވާނެ ކަން އިއުލާނުކޮށްފައި މިވަނީ 2025 ވަނަ އަހަރު ކްލަބާއެކު 2 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވަނިކޮށެވެ. ލިވަޕޫލް ދޫކޮށް ސަލާހް ދެން ގުޅޭނެ ޓީމެއް އަދި އިއުލާނު ނުކުރެވެ.

މިދިޔަ ސީޒަންގައި ސަލާހް އަކީ އެންމެ ގިނަ ލަނޑު ޖަހާ އެންމެ ގިނަ އެސިސްޓް ވެސް ހެދި ކުޅުންތެރިޔާ/ފޮޓޯ: އެކްސް

ލިވަޕޫލުން ނެރުނު ބަޔާނުގައި ބުނީ މިސީޒަންގެ ދެ މުބާރާތެއްގެ ކުއާޓާއަށް ލިވަޕޫލް ގޮސްފައިވާ ސަލާހްގެ އަމާޒު ހުރި ޓީމަށް އިތުރު ކާމިޔާބީތައް ހޯދައި ދިނުމަށް ކަމަށާ މިކަމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

މިސްރުގެ ގައުމީ ޓީމުގެ ކެޕްޓަން އަކީ ލިވަޕޫލުގެ ތާރީހުގައި އެޓީމަށް ތިން ވަނައަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ކުޅުންތެރިޔާއެވެ. މިގޮތުން، ސަލާހް ވަނީ 435 މެޗު ކުޅެ ކްލަބަށް 225 ގޯލު ޖަހާ ދީފައެވެ. މީގެ އިތުރުން ދެ ލީގު ތައްޓާ، ޗެމްޕިއަންސް ލީގާ، އެފްއޭ ކަޕް އަދި ކަރަބައޯކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް އަދި ޔޫއެފްއާ ސުޕާ ކަޕް ވެސް ސަލާހް ވަނީ ލިވަޕޫލާއެކު އުފުލާލާފައެވެ.