ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ދިމާވި ހާދިސާއަކާ ގުޅިގެން، ސްޕެއިންގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޓެނެރީފްގެ ފޯވާޑް ޖީސަސް ދި މިގޭލް މަރުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ ފޯވަޑަށް އަނިޔާވީ ސެގުންޑާ ޑިވިޝަން މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި، އެންޑޯރާގެ ގޯލްކީޕަރު ޖީސަސް އޮވޮނޯއާ ގައިގައިޖެހިގެންނެވެ. ދި މިގޭލް ބޯޅަ ހިފައިގެން ދަނިކޮށް، ގޯލުން ނުކުމެހުރި އޮވޮނޯ ބޯޅަ ދިފާއުކުރަން ބާރަށް އައިސް އޭނާގައިގައި ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް އަނިޔާވިއެވެ. މި ހާދިސާއާ ގުޅިގެން ރެފްރީ ވަނީ ވަގުތުން އޮވޮނޯއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެންނަމަވެސް ކީޕަރު ދަނޑުން ފައިބައިގެން ދަމުން، ދި މިގޭލްއަށް އަނިޔާވެފައިވާ މިންވަރު ފެނުމުން އަނބުރާލާފައި އޭނާ ކައިރިއަށް ދިޔަކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުންއެކްސިޑެންޓަށްފަހު އޭނާ ފުރަތަމަ ވެއްޓުނީ މޭގައި އަތްއަޅައިގެންނެވެ. އަދި އޭގެފަހުން ދަނޑުމަތީގައި ހަރަކާތްތެއް ނެތި އޮތެވެ. މި ހާދިސާއާއި ގުޅިގެން ދެ ޓީމުގެ ކުޅުންތެރިންވެސް ވަރަށް ބޮޑަށް ކަންބޮޑުވެފައިވާއިރު މި މެޗުގެ ކުޅުން ވަނީ މެދު ކަނޑާލާފާއެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދަނޑުމަތީގާއި ދި މިގޭލް އަށް ފަރުވާދިނުމަށް ފަހު އޭނާ ސީދާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އޭނާގެ ކްލަބުން އެންމެ ފުރަތަމަ ބުނެފައިވީ ނަމަވެސް މިއަދު އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ރޭގެ ވަގުތެއްގައި އޭނާގެ ހާލަތު ދަށަށްދާން ފެށިކަމަށެވެ. އަދި މިއަދުގެ ހެނދުނު އޭނާ މަރުވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.
"ހިތާމައިން ފުރިފައިވާ ހިތަކާއެކު، މިއީ ހަގީގަތެއް ކަމަށް ގަބޫލުކުރަންދަތިވެފައިވާ ހާލު، ހިތްވަރުދޭނެ އެއްވެސް ބަހެއް ނެތް. މި ހިތާމަވެރިކަން ފިލުވައިދެވޭނެ އެއްވެސް ކަމެއް ނެތް. މިއަދު މި ހިތާމައިގައި ރޮމުންދާ އޭނާގެ ލޯބުވެތި އާއިލާއާއި އެކުވެރިންނާ އެކު ޓެނެރީފްގެ އެންމެހާ ފަރާތްތަކާއެކު ތިބީން" ކްލަބުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން، ސްޕެއިންގެ އެކި ކަންކޮޅުތަކާއި މުޅި ދުނިޔޭގެ ކްލަބްތަކުންވެސް ވަނީ ދި މިގޭލްއަށް އިހުތިރާމް އަދާކޮށްފައެވެ. އެގޮތުން ރެއާލް މެޑްރިޑުން ވަނީ އެ ކްލަބްގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ހަނދާނީ ސްކޫތެއް ގެންދިއުމަށް ނިންމާފައެވެ. މި ހާދިސާއާ ގުޅިގެން، އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗުތަކެއް ފަސްކޮށްފައިވާ ކަމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އިއުލާނުކޮށްފައެވެ.
