ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގްވާމީ ފެންވަރަށް ބިނާކުރާ "ނޭޝަނަލް ފުޓްސަލް އެރީނާ"ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެރީނާ އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެއްކޮށް ނިންމައި ސަރުކާރާ ހަވާލުކުރުމަށް އެ ކުންފުންޏަށް ދީފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ.

ހުޅުމާލެ ފޭސް 3 ގެ ފޭރުމާ ހިނގުމާއި ބެރެބެދިގަސް މަގާ އިންވެގެން އޮންނަ 5،955.32 އަކަމީޓަރުގެ ބިމުގައި ތަރައްގީކުރާ މި އެރީނާގެ ޖުމްލަ ބިލްޓް-އަޕް އޭރިއާއަކީ 9،775.00 އަކަމީޓަރެވެ. އުސްމިނުގައި 21 މީޓަރު ހުންނަ މި މަލްޓި-ލެވެލް އިންޑޯ އެރީނާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ބިނާއެކެވެ.

މި އެރީނާގައި ބައިނަލްއަގްވާމީ ފެންވަރުގެ ޖުމްލަ 5 ކޯޓު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރައުންޑް ފްލޯގައި އަޅާ މައި މެޗު ކޯޓާއި، ތަމްރީނުތަކަށް ހާއްސަ 4 ޕްރެކްޓިސް ކޯޓެވެ. މެޗު ކޯޓުގެ ކުޅޭ ސަރަހައްދުގައި 20 އަކަ މީޓަރު ހުންނައިރު، ރަންއޯފްއާއެކު ބޮޑުމިނަކީ 26 އަކަ މީޓަރެވެ. އަދި ގްރައުންޑް ފްލޯގައި ދެ ކޯޓު އަދި މަތީ ފަންގިފިލާގައި ދެ ކޯޓުގެ ގޮތުގައި ތަރައްގީކުރާ ޕްރެކްޓިސް ކޯޓުތަކުގެ ކުޅޭ ސަރަހައްދުގައި 20 އަކަ މީޓަރު ހުންނައިރު، ރަންއޯފްއާއެކު ބޮޑުމިނަކީ 24 އަކަ މީޓަރެވެ.

މި އެރީނާގެ ހުރިހާ ކޯޓެއްގައިވެސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، ކުޅުންތެރިންނަށް ލިބިދާނެ އަނިޔާތަކުން ރައްކާތެރިކޮށްދީ އަލި އެޅުމުން ދިމާވާ އުނދަގޫތައް ކުޑަކޮށްދޭ، ސައްތައިން ސައްތަ ބައިނަލްއަގްވާމީ ފެންވަރުގެ ކުޝަންޑް ވައިނައިލް ސްޕޯޓްސް ފްލޯރިންގެވެ. މިއީ 35 ޕަސެންޓަށް ޝޮކް އެބްޒޯބްކޮށްދޭ، ފީފާ މިންގަނޑުތަކަށް ފެތޭ ފްލޯރިންގެކެވެ.

ސަޕޯޓަރުންނާއި މެހެމާނުންނަށް ފަސޭހަވާނެހެން އެޅޭ މި އިމާރާތުގެ މައި ކޯޓުގައި އެއްފަހަރާ 900 މީހުންނަށް ތިބެވޭނެ ސްޕެކްޓޭޓާ ސްޓޭންޑެއް ހުންނާނެއެވެ. މީގެއިތުރުން ޓިކެޓް ކައުންޓަރުތަކާއި، ކާބޯތަކެތި ލިބޭނެ ކޮންސެޝަން ސްޓޭންޑްތަކުގެ އިތުރުން ދެވަނަ ފަންގިފިލާގައި ހާއްސަ ވީއައިޕީ ލައުންޖަކާއި 8 ކޯޕަރޭޓް ބޮކްސް ހިމެނެއެވެ.

ހަމައެއާއެކު، ކުޅުންތެރިންނާއި މެޗު އޮފިޝަލުންނަށް ހާއްސަ ވަކި ދޮރުތަކަކާއެކު، ޓީމުތަކުގެ ލޮކަރު ރޫމާއި، ފެންވަރާ ތަންތަނާއި، ކިޓް ރޫމްތަކާއި، ޕްލޭޔާސް ލައުންޖް ފަދަ ޒަމާނީ ވަސީލަތްތައް ހުންނާނެއެވެ. އަދި މެޑިކަލް އެންޑް ޑޯޕިން ކޮންޓްރޯލް ރޫމަކާއި، މަލްޓިޕާޕަސް ޓްރެއިނިން ހޯލެއްގެ އިތުރުން އިދާރީ ހިންގުމަށް ބޭނުންވާ އޮފީސްތައްވެސް މި އެރީނާގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުޓްސަލް ކުރިއެރުވުމަށް އެޅޭ މި ބޮޑު ކޮމްޕްލެކްސްގެ ބިން ހަމަޖެއްސުމަށްޓަކައި ކުޅިވަރާ ބެހޭ ވުޒާރާއާއި، މާލީ ވުޒާރާގެ އިތުރުން އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި އެރީނާ ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތްތައް ބޭއްވުމަށް ހުޅުވިގެންދާނެ އެންމެ ފުރިހަމަ ދޮރަށެވެ.