ޔޫރަޕްގެ ލީގުތަކުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ޝަރަފުވެރި ބަލަންޑޯ އެވޯޑް އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން އަދި ބަޔާން މިއުނިކްގެ ފޯވަޑް ހެރީ ކޭންއަށް ލިބިއްޖެއެެވެ.
މިއީ 2001 ވަނަ އަހަރުގެ ފަހުން މި އެވޯޑް އިނގިރޭސި ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އެފަހަރު މި އެވޯޑް ލިބުނީ ލިވަޕޫލް އަދި ރިއާލް މެޑްރިޑަށް ކުރިން ކުޅުނު މައިކަލް އޮވަން އަށެވެ. ކެރީ ކޭންއަކީ ބެލަންޑޯ ކާމިޔާބުކުރި 5 ވަަނަ އިނގިރޭސި ކުޅުންތެރިޔާއެވެ.
އޭނާއަށް އެވޯޑް ހަވާލުކުރީ ރޭ ލަންޑަންގައި އޮތް ރަސްމިއްޔާތެއްގައެވެ. 33 އަހަރުގެ ކޭން ވަނީ މިދިޔަ ސީޒަންގައި ބަޔާންއަށް ކުޅުނު 51 މެޗުގައި 61 ލަނޑު ޖަހާފައެވެ. މިއީ ބަޔާންގެ ތާރީހުގައި ވެސް އެއް ސީޒަނެއްގައި އެއް ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ. ކޭން އަކީ 1981 ވަނަ އަހަރުގެ ފަހުން ބެލަންޑޯ ހޯދި ބަޔާންގެ ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކޭން ބުނީ އޭނާއަށް މި ހިސާބަށް އާދެވޭނެ ކަމާ މެދު ގިނަ ބަޔަކު ޝައްކު ކުރި ކަމަށާ ހުދު އޭނާ ވެސް އެކަމާ ޝައްކުކުރި ކަމަށެވެ. ކެރިއަރުގެ ކުރީކޮޅު ގިނަ ގޮންޖެހުންތަކާ ކުރި މަތިލާން ޖެހުނު ކަމަށާ އެގޮންޖެހުންތަކުން އަރައިގަތުމަށް ކުރި ބުރަ މަސައްކަތުން އަމިއްލަ މީހާގެ މައްޗަށް އޮންނަ އިތުބާރު ބޮޑުވެގެން ދިޔަ ކަމަށް ކޭން ބުންޏެވެ.
މިދިޔަ ސީޒަންގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރާންސްގެ ކެޕްޓަން އަދި ރިއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭއެވެ. އަދި ތިން ވަނައަށް ހޮވިފައިވަނީ ސްޕެއިން އަދި ބާސަލޯނާގެ ވިންގަރު ލަމީން ޔަމާލްއެވެ.
މިދިޔަ ސީޒަންގެ އެންމެ މޮޅު އަންހެން ފުޓްބޯޯޅަ ކުޅުންތެރިޔާގެ ޝަރަފުވެރި ބަލަންޑޯ ކާމިޔާބުކުރީ ސްޕެއިންގެ ތަރި އެލެކްސިޔާ ޕުޓެޔާސްއެވެ. މިދިޔަ ސީޒަންގައި ބާސަލޯނާގެ އަންހެން ޓީމުގެ ކެޕްޓަންކަން ކޮށްދިން ޕުޓެއާސް ވަނީ އެޓީމާއެކު މިދިޔަ ސީޒަންގައި ހަތަރު ތަށި އުފުލާފައެވެ. މިއީ، އޭނާ ބެލަންޑޯ ކާމިޔާބުކުރި 3 ވަނަ ފަހަރެވެ.
