ހުޅުމާލެ ފޭސް 2 ގައި އެޗްޑީސީން ގާއިމްކުރި އައުޓްޑޯ ޖިމް އާންމުންނަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމަށް ހުޅުމާލެ ފޭސް 2 ގައި އެޗްޑީސީން ގާއިމްކުރި އައުޓްޑޯ ޖިމް ހުޅުވާދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ކަމަށެވެ.

އެޗްޑީސީން ބުނީ މި ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ޖިމް ޕާކު (ޓާފް ދަނޑު ކައިރި) ކަމަށާއި، ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް މި ޖިމުގައި ބެހެއްޓިފައިވާނެ ކަމަށެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނުވާ ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ސަރުކާރުގެ މި ވައުދު ފުއްދުމަށް އެއްބާރުލުން ދިނުން ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް މިފަދަ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ އަރުވާފައެވެ.