ހިޔާ ފްލެޓުތަކުގެ އޭސީ އައުޓްޑޯ ޔުނިޓު ހަރުކޮށްފައިވާ ބްރެކެޓުތައް ރަނގަޅު ކުރުމަށް އަނެއްކާވެސް ހައުސިންގް ޑިވަލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން އެދެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ހަރުކޮށްފައިވާ ބައެއް އޭސީ އައުޓްޑޯ ޔުނިޓުތަކުގެ ބްރެކެޓްތައް ބާވެ ރަނގަޅު ކުރުމަށް މީގެ ކުރިން ވެސް އެ ކޯޕަރޭޝަނުން ވަނީ އެދެފައެވެ.
އެގޮތުން އެ ކޯޕަރޭޝަނުން ބުނީ، އޭސީ އައުޓްޑޯ ޔުނިޓްތައް ހަރުކޮށްފައިވާ ބްރެކެޓުތަކުގައި ދަބަރު ޖަހާ ހަލާކުވެފައިވާ ކަމަށާއި އެހެންކަމުން މި މައްސަލަ ތަކުރާރުނުވެ ދިގު މުައްދަތަކަށް މައްސަލަ ނުޖެހި އެތެކަތި އާ ކުރުމުގައި ދަބަރު ނުޖަހާ ފެންވަރުގެ ބްރެކެޓު ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
އަދި އެފަރާތެއްގެ ފްލެޓުގައި ހިނގާ މިފަދަ ސަލާމަތީ ކަންކަން ހައްލު ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި އެހެންކަމުން އެކަމަށް އެއްބާރުލުން ދިނުމަށް އެދިފައި ވެއެވެ.
ތޮއް ޖެހިފައިވާ ހިޔާ ޓަވަރުގައި މީގެ ކުރިން ވެސް އެކި އެކި ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން ދާދި ފަހުން ވެސް އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވި އަލިފާނުގެ ހާދިސާގައި 30 އަށްވުރެ ގިނަ އެޕާޓްމެންޓަށް އޭގެ އަސަރުކޮށްފައި ވެއެވެ. އަދި ހަމައެހެންމެ އޭސީ އައުޓްޑޯ ވެއްޓިގެން ވެސް އެކި ހާދިސާތައް ހިނގާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
