ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަން މިއަދު ހުޅުވާލައިފިއެވެ.

މިއީ، ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރި މާރުކޭޓެކެވެ.

މި މާރުކޭޓުން ގޮޅި ދޫކުރަނީ ހިލޭ، އެއްވެސް ކުއްޔެއް ނެގުމަކާ ނުލައެވެ. އަދި މި ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެގޮތުން، ގޮޅިއަށް އެދި ހުށަހަޅާ ފޯމު މިހާރު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުރިއިރު ފޯމު ބަލައިގަތުމާއި ގުރުއަތުނެގުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 15:30 ގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީސް (ސެންޓްރޯ މޯލް)ގައި ކަމަށް ވެއެވެ.

ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާގޮތަށް، އެ މާރުކޭޓު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ.