ރަމަޟާން މަހާ ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުން ކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، ހަދިޔާ ކުރުމަށް މި އަހަރު ވެސް "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެޗްޑީސީން ނިންމައިފިއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުވުމަށް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ. އެގޮތުން އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ، އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނޭއެވެ.
އެޗްޑީސީ އިން ބުނީ، "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، ރޯދައަށް ގޭބީސީތަކުން ތަކެތި އާކުރުމުގެ ތެރެއިން ގޭގައި ބޭނުން ކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުން ވެސް ތަކެތި ހަދިޔާ ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒު ކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުން ކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.
މާދަމާއިން ފެށިގެން، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ފޯރުކޮށް ދިނުމުގެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައި ދޭނެއެވެ. ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެ ނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު އެ ފަރާތްތަކަށް ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.
މި ޕްރޮގުރާމުގެ މަގްސަދަކީ، ރަމަޟާން މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާ ކުރުމާއި، ބޭނުން ޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށް ދީ އެހީތެރިވުމަށް ބާރު އެޅުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް ބުނެއެވެ.
އެއްވެސް ފަރާތަކުން މި ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.
ޕްރޮގްރާމު ކުރިއަށްދާނެ ގަޑިތަކަށް ބަލާލާ އިރު، ކޯލް ސެންޓަރުގެ ހޮޓްލައިނަށް ގުޅާނަމަ، ދީފައިވާ މުއްދަތުގެ އާދިއްތަ އިން ބުރާސްފަތި ދުވަހާ ދެމެދު ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ގުޅޭނެއެވެ. ހުކުރު ދުވަހު ގުލޭނީ މެންދުރު ފަހ 3:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ހޮނިހިރު ދުވަހު ގުޅޭނީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށެވެ.
ތަކެތި ދޫކުރާ ގަޑިތަކަށް ބަލާއިރު، ދީފައިވާ މުއްދަތުގެ އާދިއްތަ އިން ބުރާސްފަތި ދުވަހާ ދެމެދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ތަކެތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮނިހިރު ދުވަހު ތަކެތި ދޫކުރާނީ ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް އެޗްޑީސީން ކުރިއަށްގެންދިޔަ މި ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
