ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކުގެ ކޮރިޑޯ އާއި އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފްލެޓްތަކުގެ ކޮރިޑޯގައި ފަރުނީޗަރާއި ބައިސްކަލާއި ފައިވާން ހަރުފަދަ ތަކެތި ބަހައްޓަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެކަން އެގޮތަށް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި މިގޮތަށް ބަހައްޓާފައި ހުންނަ ތަކެތީގެ ސަބަބުން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ވެސް ދަތި އުނދަގޫތައް ދިމާވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ކޮރިޑޯ އާއި އާންމު ސަރަހައްދުތަކުގައި އެގޮތަށް ސާމާނު ބަހައްޓާތީ އެކަމުގެ ދަތިތައް ކުރިމަތިވާ ކަމަށް އާންމުންގެ ފަރާތުން ޝަކުވާ ލިބޭ ކަމަށާއި އެފަދަ ތަކެތި ބެހެއްޓުމަކީ އެތަނުގެ ސާފުތާހިރުކަމާއި މުޅި އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ވެސް ހުރަސް އެޅޭ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

"މިކަމަކީ ފުލެޓުތަކުގެ އާންމު ބައިތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ އާންމު އުސޫލާ ހިލާފު ކަމެއް" އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މިއަދުން ފެށިގެން ދެ ދުވަހުގެ ތެރޭގައި އެގޮތަށް ބަހައްޓާފައި ހުރި ސާމާނު ނެގުމަށް އަންގާފައިވާއިރު އެ މުއްދަތުގައި ނުނަގައި ތަކެތި އެޗްޑީސީން ނަގާނެ ކަމަށާއި އެކަމުގެ ތެރޭގައި މުދަލާއި ތަކެއްޗަށް ލިބިދާނެ ގެއްލުމުގެ ޒިންމާ އެ ކުންފުނިން ނުނަގާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.