މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ލޭ ހުސްވާން ގާތްވެފައިވާތީ، ހައުސިންގް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ސްޓާފުންގެ ފަރާތުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ތައްޔާރުވެއްޖެއެވެ.
އެޗްޑީސީއާއި އެމްބީއެސް ގުޅިގެން ކުރިއަށްގެންދާ ބްލަޑް ޑޮނޭޝަން ކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. މިއީ، ރާއްޖޭގެ ބަލްޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކުރި އިއުލާނާ ގުޅިގެން ކުރިއަށްގެންދާ ޑޮނޭޝަން ކޭމްޕެެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އަދި މި ކޭމްޕުގެ މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުން ކަމަށް ވެއެވެ.
ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެ އެމްބީއެސްއިން އާންމުންގެ އެހީތެރިކަމަށް އެދިފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހުއެވެ. އެމްބީއެސް އިން ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާއަށް ލޭ ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ލޭ ދިނުމުގެ ފުރުސަތު އޮންނާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.
ލޭ ދޭން އަންނަ މީހާއަކީ ބަރުދަނުގައި 45 ކިލޯއަށްވުރެ މަތީ މީހަކަަށް ވާން ޖެހޭއިރު، ލޭ ދޭން އައުމުގެ ކުރިން ހަ ގަޑިއިރުގެ ނިދި ހަމަކޮށް، އެއް ގަޑިއިރު ކުރިން ރަނގަޅަށް ކާންވެސް އިރުޝާދު ދީފައިވެ އެވެ.
އެމްބީއެސް އިން ބޭނުން ވަނީ އޭ+، އޯ+، ބީ+، އޭބީ+، ބީ-، އޯ- ލޭ ކަމަށްވާއިރު ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެ އެވެ. ލޭ ލިބުން ދަތިވެ ދޭތެރެދޭތެރެއިން އެމްބީއެސް އިން އާންމުންގެ އެހީއަށް އެދެ އެވެ.
