ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން 8 ޓަވަރެއްގައި ލިފްޓު ބެހެއްޓުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފިއެވެ.

ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިޔާގެ 16 ޓަވަރު ހުންނައިރު ޖުމްލަ 32 ލިފްޓު ހަރުކުރާނެއެވެ. އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެކެވެ.

މި މަޝްރޫއާ ގުޅޭ އެންމެ ފަހުގެ ތަފްސީލު ހިއްސާ ކުރަމުން އެޗްޑީސީން ބުނީ، މިހާތަނަށް ހިޔާ ޓަވަރު 1 އިން 8އާ ހަމައަށް ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް ނިންމާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި ދަގަނޑު ސްޓްރަކްޗާގެ މަސައްކަތް ހުރިހާ ޓަވަރެއްގައި ނިމިފައި ހުރިކަން ފާހަގަކޮށް އެޗްޑީސީން އިތުރަށް ބުނީ، މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ސައިޓުގައި ހުރި ކަމަށެވެ.

މި ލިފްޓުތަކުގެ ދުވެލި މިނެޓަކު ދެ މީޓަރުގެ ސްޕީޑެއްގައި ދަތުރުކުރެވޭނެ، އަދި ލޮލަށް ނުފެންނަ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ލިފްޓުގެ ނަންބަރުތައް އެންގްރޭވްކޮށްފައި ހުންނާނެ ކަމަށް މީގެ ކުރިން އެޗްޑީސީން ވަނީ މައުލޫމާތު ދީފައެވެ. މި މަޝްރޫއުގެ ޖުމުލަ އަގަކީ 18 މިލިއަން ޑޮލަރު (278.3 މިލިއަން ރުފިޔާ) އެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު ހިޔާ ފްލެޓުތަކުގައި އާ ލިފްޓު ހަރުކުރުމުގެ މަޝްރޫއުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ.

މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.