ހުޅުމާލޭ ހިޔާ ޕާކު ސަރަހައްދުގައި ގާއިމްކޮށްފައިވާ ވަގުތީ މިސްކިތް ނަގައި، ކުރިންވެސް ޕްލޭންކޮށްފައިވާ ގޮތަށް އެ ބިމަކީ ހިޔާ ޕާކުގެ ސަރަހައްދަކަށް ބަދަލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، ހިޔާ ޕާކު ސަރަހައްދުގައި ވަގުތީ މިސްކިތެއް ގާއިމްކުރެވުނީ އެ ސަރަހައްދުގައި އޭރު މިސްކިތްތައް މަދުވުމުން، ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. ނަމަވެސް، މިހާރު އެ ސަރަހައްދުގައި އިތުރު މިސްކިތްތައް ތަރައްގީކޮށްފައިވާތީ، މި ވަގުތީ މިސްކިތް ނަގައި އެ ބިން ޕާކަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް އެ ކޯޕަރޭޝަނުން ވަނި ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން އެ ސަރަހައްދަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އެޗްޑީސީން ހުޅުވާލާފައިވާއިރު ވަގުތީ މިސްކިތް މިހާރު ބޭނުންކުރަމުންދާ ގޮތް ދެނެގަތުމަށާއި، ތަރައްގީކުރުމަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ސާވޭ ފޯމެއް ތައްޔާރުކޮށްފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި ސާވޭ ފުރާ ފަރާތްތަކުގެ ޒާތީ އެއްވެސް މައުލޫމާތެއް ނުނަގާނެ ކަމަށާއި، ލިބޭ ޖަވާބުތައް ބޭނުންކުރާނީ އާންމުންގެ ހިޔާލު އެއްކޮށް، މަޝްރޫއު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މި ސާވޭގައި ބައިވެރިވެ، ހިޔާލު ހިއްސާކުރުމަށް އެ ކޯޕަރޭޝަނުން އެދިފައިވެއެވެ.