ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ 8 ވަނަ ޓަވަރުގެ 19 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ. ރޯވި އަލިފާން ނިއްވުމަށް މިހާރު އެ ސަރަަހައްދުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެޕާޓްމަންޓުގެ މައި ދޮރުން ބޭރަށް ކަޅު ދުން އަރާ މަންޒަރު ފެނެއެވެ. އަދި އެ ތަނުގައި ގިނަ އަދަދެއްގެ އާންމުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން ބުނި ގޮތުގައި ހިޔާ 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވީ ނަމަވެސް، އެޕާޓްމަންޓަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އިނގިފައި ނުވާއިރު މި ހާދިސާގައި މީހަަކށް އަނިޔާވި ކަމެއް ވެސް ސާފެއް ނޫނެވެ.