މާދަމާ އިން ފެށިގެން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީން ގަރާޖު ހުއްދަ ދޫކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ، މި ނިންމުން ނިންމާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ. އެގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮލަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް މި ކޯޕަރޭޝަނުން ދޫކުރަމުން އައި ގަރާޖު ހުއްދަ ދޫކުރުން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެހެންނަމަވެސް މިހާރު ވެސް އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން އިމާރާތުގައި ހަދާ ގަރާޖު ބޭނުން ކުރުމުގެ ހުއްދަ އެ ކޯޕަރޭޝަނުން ނަގަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އުޅަނދު ރަޖިސްޓްރީ ކުރުމަށް ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ހުށަހަޅަން ޖެހޭނީ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން ކަމަށެވެ. ކުރިން ހުށަހަޅަމުން އައި ވެހިކަލް ގަރާޖް ޕާމިޓް ދެން ހުށަހަޅަން ނުޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.
އެ ބަދަލު ގެނެސްފައި ވަނީ ގަރާޖާ ގުޅޭގޮތުން ވަކި ދެ އިދާރާއަކުން ދެ ހުއްދަ ނަގަންޖެހި އަދި އެއް ހިދުމަތެއް ފުރިހަމަ ކުރުމަށް ރައްޔިތުން ދެ ފަހަރަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ކުޑަކޮށް ފަސޭހަ ކުރުމަށް ކަމަށް ޓްރާންސްޕޯޓް މިނސްޓްރީން ބުނެފައި ވެއެވެ. ހުށަހަޅަންޖެހޭ ލިޔުންތަކަށް ބަދަލު ގެނައި ނަމަވެސް މިހާރު ވެސް އަމަލު ކުރަމުންދާ ގޮތަށް ގަރާޖުގެ ވެރިފަރާތުގެ ރުހުން އޮތްތޯ ބެލުމާއި ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެއެވެ.
