ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކަމުގައި ކަނޑައެޅުމާ ގުޅިގެން އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ ކައުންސިލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ކަނޑައަޅުއްވީ އިއްޔެއެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްގަކަށް ވީހިނދު، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމުގެ ކުރިން އެފަރާތްތަކުގެ ކިބައިން އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުގެ ބާރު ފޭރިގަނެފައިވާ ކަމަށާއި އެކަން އެ ޕާޓީއިން ކުށްވެރިކުރާ ކަމަށެވެ.

މިއަދާ ހަމައަށްވެސް ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފަށާފައި ނުވާ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ދިމާކޮށް މިފަދަ ބަދަލެއް ގެނެސްފައިވަނީ ސަރުކާރުން އެ އިންތިހާބުގެ ނަތީޖާއަށް ނުފޫޒުފޯރުވުމަށް ކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެމްޑީޕީއިން ބުނީ މިއީ ހިރިމަރަދޫ އަދި ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ އިންތިހާބީ ހައްގާއި ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްގާއި މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގަށް ހީނަކުރުކަން އަންނާނޭ ކަމެއް ކަމަށް އެ ޕާޓީއިން ގަބޫލު ކުރާ ކަމަށެވެ.

މިފަދަ ބަދަލެއް ހެޔޮނިޔަތުގައި ގެންނަނަމަ ގެންނާނީ ހިރިމަރަދޫ އަދި ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު، ހިރިމަރަދޫގެ ރައްޔިތުން ބަދަލުވުމާ ހަމައަށް އެރަށުގައި ރަށު ކައުންސިލުން ދޭންޖެހޭ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިން ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

ސަރުކާރުން އަމަލުކޮށްފައިވަނީ އެއާ ހިލާފަށް ކަމަށާއި މި ނިންމުން ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މިނިވަންކަމާއި ހަމަހަމަކަން ގެއްލުވާނުލުމަށް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލަމެވެ.