ހުޅުމާލެ ފޭސް 2ގައި އިމާރާތްކޮށްފައިވާ ޝަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ 2 މަގު އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވާކަން ހާމަކޮށްފައިވަނީ އެޗްޑީސީއިން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެޗްޑީސީއިން ބުނީ މި ބަދަލު ގެނެސްފައިވަނީ ޝަހީދު އަލީ ސްކޫލުގެ މަސައްކަތް ނިމި، ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލް ހުޅުވުމުގެ ކުރިން އެ ސްކޫލަށް ދެވޭގޮތަށް އޮންނަ ދެ ގޯޅިކަމުގައިވާ ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2ގެ ޓްރެފިކް ބާރުބޮޑުވުން ހައްލުކުރުމަށާއި އެ ސަރަހައްދަކީ ސްކޫލު ކުދިން ހިނގާބިނގާވެ އުޅުމަށް ރައްކާތެރި ސަރަހައްދަކަށް ހެދުމަށްޓަކައި ކަމަށެވެ.
އެޗްޑީސީއިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށްކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
ޝަހީދު އަލީ ސްކޫލުގައި ގްރޭޑް 1 އިން ފެށިގެން 10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާއިރު އެ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމް ގާއިމްކޮށްފައިވެއެވެ.
