ހުޅުމާލޭގެ މަގުތައް އަލަށް ހެދުމާއި، މިހާރު ހުރި މަގުތައް މަރާމާތުކޮށް ރަނގަޅު ކުރުމުގެ މަސައްކަތް، ރޮޓައިމް އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ ހަވާލުކުރީ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން ކަމަށް އެޗްޑީސީން ބުނެފިއެވެ.
ހުޅުމާލޭގެ 1.1 ކިލޯމީޓަރުގެ މަގުތައް ހަދަން ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރަން ފަށާނީ ފޭސް އެކަކުން ފެށިގެން ގޮސް ފޭސް ދޭކަށް ނިންމާ ގޮތަށް ކަމަށް އޭރު އެޗްޑީސީން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މަޝްރޫއަކީ، އޮކްޓޯބަރު 2، 2022 ގައި އެ ކުންފުންޏާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި ކަމެއް ކަމަށެވެ. އަދި އެކޮމޮޑޭޝަން ބްލޮކެއް އަޅަން ޗައިނާގެ ކުންފުންޏާ އޭރު ހަވާލުކުރީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އެޅުމަށް ނިންމާފައިވުމުން ނަމަވެސް ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމުން އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ވެސް ހުއްޓާލަން ޖެހުނީ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
"ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމާއެކު އެ ސަރަހައްދުގައި ކުޅިވަރު ސްޓޭޑިއަމް އެޅުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން އެދިވަޑައިގަތުމާއި ގުޅިގެން އެކޮމޮޑޭޝަން ބްލޮކްގެ މަޝްރޫއު ނިމުމަކަށް ގެނެއުމަށް އެޗްޑީސީއާއި ކޮންޓްރެކްޓަރާއި ދެމެދު ސެޓްލްމެންޓް އެގްރިމެންޓެއްގައި ސޮއިކުރެވުނު. އެހެންކަމުން މި މަގު ހެދުމުގެ މަޝްރޫއު ހަވާލު ކުރެވުނީ އެ ސެޓްލްމެންޓް އެގްރިމެންޓްގެ ދަށުން" އެޗްޑީސީގެ ބަޔާނުގައި ވެއެވެ.
އެ އެގްރިމެންޓާއި ގުޅިގެން އެޗްޑީސީން ބުނީ ހުޅުމާލެ 1ގެ ފަސް މަގަކާއި ހުޅުމާލެ 2ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހަދާނެ ކަމަށެވެ. އޭގެ އިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އަޅާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެ މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829ރ. އެވެ. އެ ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯ އަށް ދަތިނުވާނެ ގޮތަށް 50 ޕަސެންޓު ފައިސާ އެއް އަހަރަށް ބަހާލައިގެން ކަމަށްވާއިރު ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެން ކަމަށް އެޗްޑީސީން ބުނެއެވެ.
މަގު ހަދަން ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށާއި ދި އަވަހަށް މަސައްކަތް ނިންމައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބުމަކީ އަމާޒެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
