އެޗްޑީސީ ގެ ވެބްސައިޓަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓް "މިތުރު" ތައާރަފުކޮށް، އެކްސެސިބިލިޓީ އިތުރުކުރުމަށްޓަކައި އާ ފީޗާސްތަކެއް ތައާރަފުކޮށްފިއެވެ.

ޑިސެންބަރު 3، 2025 ވަނަ ދުވަހު ނުކުޅެދުންތެރިކަން ހުރި 30 ފަރާތަކަށް ވަޒީފާ ދިނުމަށް އެޗްޑީސީން ބޭއްވި ރަސްމިއްޔާތުގައި މިކަން އިފްތިތާހުކޮށްދެއްވީ މިނިސްޓަރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމްއެވެ.

ވެބްސައިޓަށް އަލަށް ތައާރަފް ކުރެވުނު ފީޗާރުތަކަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެބްސައިޓް ބޭނުން ކުރަން ފަސޭހަކޮށްދިނުމަށް ތައާރަފް ކުރެވުނު ފަންކްޝަންތަކެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި ވެބްސައިޓަށް އިތުރުކުރި ފަންކްޝަންތަކުގެ ތެރޭގައި، ވެބްސައިޓް ބޭނުންކުރާ ފަރާތަށް ފަސޭހަ ވާނެހެން އަކުރުތަކުގެ ސައިޒު ބަދަލުކުރުމާއި، ކުލަ ސްކީމް ބަދަލުކުރުމުގެ އިތުރުން ސްކްރީން ރީޑަރު ފަންކްޝަން ވެސް ހިމެނާފައިވެއެވެ.

މީގެ އިތުރުން ޑިސްލެކްސިޔާ ހުންނަ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ކިޔައިލުން ފަސޭހަ ކުރުމަށްޓަކައި، "ޑިސްލެކްސިޔާ ފްރެންޑްލީ" ފޮންޓެއްވެސް މި ފީޗާސްތަކުގެ ތެރެއިން ތައާރަފު ކުރެވިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މިއީ އެޗްޑީސީން އާންމުކޮށް ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ކުރެވުނު މުހިއްމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ވެބްސައިޓަށް މި ގެނެވުނު ބަދަލާ އެކު، މި ކޯޕަރޭޝަނުންގެ ވެބްސައިޓުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެކަން ފާހަގަކޮށް އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ދިރިއުޅެވޭނެ، ޝާމިލު މާހައުލަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުން ގެންދާނެ ކަމަށެވެ.