އެޗްޑީސީން ކ. ގުރައިދޫގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލުކޮށް، މުޅި މަރުކަޒު ރީބްރޭންޑް ކުރުމަށް މިނިސްޓްރީ އޮފް ހެލްތުއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި މި މަޝްރޫއަކީ ސަރުކާރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެމުންގެންދާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެ ތަނުގެ ޑިޒައިންތައް އެކުލަވާލުމާއި، އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ހިންގާ ބަލަހައްޓާނީ އެޗްޑީސީންނެވެ. އަދި މި މަސައްކަތުގައި ގުރައިދޫގައި މިހާރު ހިންގަމުންދާ ހާއްސައެހީއަށް ބޭނުންވާ މަރުކަޒު މުޅިން ބަދަލުކޮށް، ޒަމާނީ ފެންވަރުގެ ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދުން ފެށިގެން، 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން، ހަމައެކަނި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި، ފަރުވާ ހޯދާ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ގޮތަކުން ދުޅަހެޔޮކަން ހޯދައިދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަމައެހެންމެ ރީބްރޭންޑިންގް މަޝްރޫއުގެ ސަބަބުން، މިހާރު ވެސް ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް ލިބޭ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު، ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރަނީ

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު، އަލީ ޒުހައިރުއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲއެވެ.

މިފަދަ ގައުމީ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވެ، ރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަކީ އެޗްޑީސީގެ އަބަދުގެ ވެސް އަމާޒެކެވެ. އެގޮތުން، މިފަދަ ސިއްހީ އަދި އިޖުތިމާއީ މަޝްރޫއުތަކަށް އެޗްޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބިގެންދާނެ ކަމަށް ވެއެވެ.