ހުުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރުމަށް، އެޗްޑީސީއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް، މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގް (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.
މިއަދު އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހައިރުއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީ އެވެ.
މި އިސްރަށްވެހިންގެ ނާދީގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ އިތުރު މަރުކަޒެއް ހުޅުމާލޭގައި ގާއިމް ކުރުމެވެ. އެގޮތުން، މިއަދު އެމްއޯޔޫގައި ސޮއިކޮށްފައިވަނީ، އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކު 24 މަސް ދުވަހުގެ ތެރޭގައި އެތަން ނިންމުމަށެވެ.
މި ނާދީވެސް ތަރައްގީކުރަނީ އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގް އާއި، އެ ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާ ލިބޭ ގޮތަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަވެސް ހިމެނޭ ގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ.
އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްގީކުރި ނާދީން މިއަހަރުގެ ކުރީކޮޅު ވަނީ ހިދުމަތްދޭން ފަށާފައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ އެކި ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
