އެޗްޑީސީގެ ސްޓާފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ރީތިގަސް" ފްލެޓުތައް ލިބުނު ފަރާތްތަކަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެވެ.

އެކަމަށްޓަކައި، ހުޅުމާލޭގެ ރީތިގަސް މަގުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބައެއް ސްޓާފުންނަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބް އެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހައިރު އަދި ކުންފުނީގެ ބޯޑު މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ސްޓާފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ތަރައްގީކޮށްފައެވެ.

މިރޭ ހަވާލުކުރަން ފަށާފައިވަނީ، ނިމިފައިވާ ޓަވަރު A އަދި ޓަވަރު B ގައި ތަރައްގީކޮށްފައިވާ 153 އެޕާޓްމަންޓެވެ. އަދި ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.

އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ގާއިމްކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާއާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެއެވެ. އަދި އޭގެ އިތުރުން ޖުމްލަ 54 ކާރު ޕާކިންގް ސްލޮޓާއި 782 ސައިކަލް ޕާކިންގ ސްލޮޓްވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ކަނޑައަޅާފައެވެ.