ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުއަލީ ޒުހައިރުއެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ފައިނޭންސް އެގްޒެކެޓިވް މުހައްމަދު ސަރާހްއެވެ.

މި އެއްބަސްވުމުގެ ދަށުން ދ، ށ، ނ، ތ، ލ، ގއ، ރ، ބ، ހއ، ހދ، ވ، ގދ އަދި ށ. އަތޮޅުގެ ޖުމްލަ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެއެވެ. އެގޮތުން، މި ރަށްތަކުގައި ޕާކު ތަރައްގީކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

32 ރަށެއްގައި ކުޑަކުދިންގެ ޕާކު ގާއިމް ކުރަން އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މީގެ ކުރިން ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީގެ ދަށުން ނަމަވެސް ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމުގެ މަސައްކަތް މިއަހަރު ރައީސް ވަނީ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ބެލުމުގެ ދަށަށް ބަދަލު ކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި 2025 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކު ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށްވާއިރު މީގެ ކުރިން ވެސް އެކި ރަށްރަށުގައި ކުޑަކުދިންގެ ޕާކުތައް ގާއިމްކޮށްފައި ވެއެވެ. ނަމަވެސް އެ ތަންތަން ރަނަގަޅަށް މެއިންޓެއިން ނުކުރެވުމުގެ ސަބަބުން ގިނަ ޕާކުތައް ވަނީ ވީރާނަވެގެން ގޮސްފައެވެ.