ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖު (އިން ވަކިވާގޮތަށް ހައްދާފައި ހުންނަ ގަސްކޮޅު) ތެރޭގައި ބަހައްޓާފައިވާ ގޮނޑި އަދި މޭޒުފަދަ ތަކެތި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.
އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒުފަދަ ތަކެތި ބަހައްޓައިގެން ހިދުމަތް ދިނުމަށް މަނާކުރުމަށް ކުރިން އަންގާފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އަދިވެސް އެސަރަހައްދުތަކުގައި ކެފޭ ހިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން، ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، ބިޔަވާ ޒާތުގެ ގަސްތައް ހެޖުތެރޭގައި އިންދާފައި، ހުރުމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ މަގުތަކުގައި ފެން ބޮޑުވުމާއި، ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ، އެފަދަ ބިޔަ ގަސްތައް ނެގުމުގެ މަސައްކަތް ކުރަން އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. އެހެންކަމުން، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑި އަދި މޭޒުފަދަ ތަކެތި ނެގުމަށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ މުހުލަތެއް ދީފައެވެ.
މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފި ނަމަ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑި އަދި މޭޒުފަދަ ތަކެއްޗާއި ހެޖުތެރޭގައި ހައްދާފައިވާ ބިޔަ ގަސްތައް ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ނަގާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަސައްކަތުގެ ތެރެއިން އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަށް އެ ކުންފިނިން ޒިންމާ ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ ކުރިން ވެސް މިފަދައިން ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.