ސޯޝަލް ހައުސިން ސްކީމަކީ ދަށުން ގާއިމްކޮށްފައިވާ ފްލެޓްތައް ކުއްޔަށް ދޫކުރޭތޯ ބަލައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.

ސޯޝަލް ހައުސިން ސްކީމްގެ ފަރާތުން ދޫކުރާ ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެޗްޑީސީއިން ބުނީ ސޯޝަލް ހައުސިން ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން މިފަދައިން ބުނެފައި މިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބުނު ބައެއް ފަރާތްތަކުން އެ ފްކެޓްތައް ކުއްޔަށް ދޫކުރަން ސޯޝަލް މީޑީއާގައި ޕޯސްޓުތަކެއް ޖަހާފައިވާ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދިނުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވެސް ވަނީ ވިދާޅުވެފައެވެ.