ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެޗްޑީސީގެ ބިމާއި މުދަލާއި ހިދުމަތުން 200 މިލިއަނެއްހާ ރުފިޔާގެ ހިޔާނާތްވެފައިވާ މައްސަލަ ތަހުގީގުކުުރުމަށް ހުށަހަޅައިފިއެވެ.

އެޗްޑީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެޗްޑީސީގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާގެ ހިޔާނާތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ކަންކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް އެޗްޑީސީއިން ހުށަހަޅަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މި ހިޔާނާތުގެ ތެރޭގައި އެޗްޑީސީގެ މުދަލުން ވައްކަން ކުރުމާއި އެ ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަންގެ ބިންތައް ކުއްޔަށް ދިނުންފަދަ މުއާމަލާތްތައް ހިމެނޭކަން އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން އެޗްޑީސީއިން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީއން ބުނީ އެ ކަންކަން ތަހުގީގުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، އެ ކޯޕަރޭޝަންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.