ހުޅުމާލޭގެ މަގުތަކުގައި އިތުރު ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފިއެވެ.

އެޗްޑީސީއިން ބުނީ މިއީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމާއި ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް އެޗްޑީސީއިން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަހައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ވަގުތު މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ފޭސް 2 ގެ ނިރޮޅުމަގު ސަރަހައްދުގައި ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ މިހާރު ކުރިއަށްދާ ސްޕީޑް ބަމްޕުތައް ގާއިމްކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން މަދުވެ، ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށެވެ.

އެޗްޑީސިއިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު، ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް އެޗްޑީސީއިން ފެށީ މިދިޔަ އަހަރުގައެވެ.