ހުޅުމާލެ ފޭސް 1 ގެ ސްވިމިން ޓްރެކް ސަރަހއްދުގެ ގޮނޑުދޮށް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާތީ އެ ސަރަހއްދުގައި ވިޔަފާރިތަކުންނާއި އާންމުން ބަހައްޓާފައިވާ ތަކެތި ނަގަން އެޗްޑީސީން ބުނެފިއެވެ.
ހުޅުމާލެ ފޭސް 1 ގެ ސްވިމިން ޓްރެކް ސަރަހައްދުގެ ގޮނޑުދޮށުން އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އިއްޔެއެވެ.
އެޗްޑީސީން އިން ބުނީ، މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަޝްރޫއުގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ވިޔަފާރިތަކުންނާއި އަންމުން ބަހައްޓާފައިވާ ތަކެތި ވީ އެންމެ އަވަހަކަށް ނަގައި ދިނުމަށް އެދޭ ކަމަށެވެ.
އަދި މަސައްކަތް ކުރިއަށް ދާ މުއްދަތުގައި މި ސަރަހައްދަށް އާންމުން ވަދެ އުޅުމަކީ ރައްކާތެރިކަމަށް ނުވާނެތީ، މި ސަރަހައްދަށް އާންމުން ނުވަނުމަށް އެޗްޑީސީން އިލްތިމާސް ކުރެއެވެ. އަދި މަސައްކަތް ކުރާ ސަރަހައްދު ދައްކުވައިދޭ ޗާޓެއް ވެސް އެޗްޑީސީން ވަނީ އާންމު ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުމަށް އެޗްޑީސީން ބުނެއެވެ. ނުވަތަ އެޗްޑީސީގެ މެއިލްއަށް މެއިލް ކުރުމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިފަދަ މަސައްކަތްތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.