ބޮޑު އަގެއްގައި ކައުންސިލް އިމާރާތްތަކެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފިއެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްކުރަން އާރުސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހު އެކަމަށްޓަކައި ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފާހަގަކުރެވޭ ގޮތުގައި އާރުސީސީއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ނާޒިމްގެ ކުންފުންޏެކެވެ. މި ކުންފުންޏާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިޑަކަށް ހުޅުވާ ނުލާ 631 މިލިއަން ރުފިޔާ އަށެވެ. މިކަމާ ގުޅިގެން ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ވަނީ އާރުސީސީއަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ އަގު ހުށަހެޅި 4 ފަރާތުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން ކަމަށްވާތީ ކަމުގައި ވިދާޅުވެފައެވެ.
މި މަޝްރޫއާ ގުޅިގެން ކުރީގެ ރައީސް ޔާމީންވެސް ފާޑު ވިދާޅުވެފައިވާއިރު މި މައްސަލަ އޭސީސީން ތަހުގީގުކުރަނީ އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. މި މަޝްރޫއާ ގުޅިގެން ޔާމީން ވަނީ މިފަދަ މަޝްރޫއުއަކަށް ދާނީ ގާތްގަނޑަކަށް 225 މިިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް މިހާރު ހުށަހަޅާފައިވަނީ އެތައް ގުނައެއް ބޮޑު އަގެއް ކަމުގައި ވިދާޅުވެފައެވެ.
މި މަޝްރޫއު ފުރަތަމަ ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެވެ. ނަމަވެސް އޭގެ 5 މަސްދުވަސް ފަހުން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ. މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލުކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމުގައި ބުނެފައެވެ.
މިނިސްޓްރީން ވަނީ އާރުސީސީއާ ހަވާލުކުރެވުނު މި މަޝްރޫއަކީ 1 އަހަރުތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމުގައިވެސް ބުނެފައެވެ.