އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގް ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
އޭސީސީން ބުނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން ދައުރުކޮށްފައިވާކަން މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ފައިސާ މޮންޓިލިއަން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިކޮށް ކަމަށް އޭސީސީން ބުނެފައި ވެއެވެ.
އަދި އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ.
މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ގާނޫނު ނަންބަރު 2014/10 (މަނީލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 53 ވަނަ މާއްދާއާއި އެ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުންނެވެ. މީގެ އިތުރުން، އެސްއޯއެފްގެ ދެ ޗެކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ 150,000.00 (އެއްލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
