ހުޅުމާލެ ފުރަތަމަ ފިޔަވަހި އާއި ހުޅުމާލެ ދެވަނަ ފިޔަވަހި ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މަނާކޮށްފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޗެނަލް ސަރަހައްދަކީ ވަރަށް ގިނަ ކުޑަކުދިންނާއި، ބޮޑެތި މީހުން މޫދަށް އެރި މުނިފޫހިފިލުވައިލަން ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެ ތަނުގައި އެ ކުންފުނީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
އެހެން ކަމުން އިންޖީނުލީ އުޅަނދު އެ ޗެނަލުގައި ދުއްވުން މަނާކުރަން ނިންމީ، މޫދަށް އެރި އުޅޭ މީހުންގެ ރައްކާތެރިކަމަށާއި، މުރަކަ އިންދުމުގެ މަސައްކަތަށް ދަތިވާތީ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޗެނަލް ސަރަހައްދުގެ ތެރޭ އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނީ ހުކުރު ދުވަހުން ފެށިގެން ކަމަށް ވެއެވެ.
އެޗްޑީސީ އާއި އީޕީއޭ އަދި އެމްއެމްއާރުއައި ގުޅިގެން "ކޮރަލް ގާޑެން ޕްރޮޖެކްޓް"ގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.