ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އިސްނަގައިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހު 20 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިއީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ވޯލްޑް ކްލީން އަޕް ދުވަހާ ދިމާކޮށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި، މި ހަރަކާތުގެ ސަބަބުން ހުޅުމާލޭގެ ރީތި ގޮނޑުދޮށްތަކަށް އެޅިފައިވާ ކުނި ނެގި މޫދު ސާފުވެ، މޫދުގެ ދިރުންތައް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި ހަރަކާތް ފަށާނީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންކަމަށާއި، ހުޅުމާލޭގެ ގޮނޑުދޮށާއި ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް އަހަރު މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުން ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން އިތުރަށް ބުނީ މި ހަރަކާތާ ގުޅުވައިގެން ތިމާވަށްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ "މަންސަ" ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެކަމަށާއި، މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އެޗްޑީސީން ދަނީ ހުޅުމާލޭގެ މާހައުލަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.