ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމަށް، އަލް އަސްރު ޖަމިއްޔާއާއެކު އެޗްޑީސީއިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް އަލް އަސްރުގެ ފަރާތުން ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތަކުގެ އިތުރުން ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއން ބުނެއެވެ.

އެޗްޑީސީއިން ބުނީ ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު 4 ގުރުއާން ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ ސެޝަންއެއްގައި 15 ކުދިންނަށް ބައިވެރިވެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެ ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުން ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނީ އިޖްތިމާއީ ޒިންމާގެ ދަށުން ވެވުނު މި އެއްބަސްވުމަކީ ދީނަށް ލޯބިކުރާ މުޖްތަމައެއް ބިނާކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެއްކަން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް މުޖްތަމައަށް ފައިދާހުރި ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.