ހުޅުމާލެ ރަށު މާރުކެޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު، ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކުއްޔަށް ހިފާ ފަރާތެއް ހޮވާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރު ނަގައިގެން ކަމަށް އެޗްޑީސީން ބުނެއެވެ.
ކުއްޔަށް ނެގުމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މާދަމާ ހެނދުނު 08:30 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ 15:30ގެ ނިޔަލަށެވެ. އަދި ގޮޅި ކުއްޔަށް ނެގުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނާނީ ހަމައެކަނި އީމެއިލް ([email protected]) ޒަރިއްޔާއިން ކަމަށް ވެސް އެޗްޑީސީން ވަނީ މައުލޫމާތު ދީފައެވެ.
ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ގުރުއަތު ނެގުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ 10:00 ގައެވެ. އެޗްޑީސީން ބުނީ މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 73.33 އަކަފޫޓުގެ 5 ގޮޅި ކަމަށެވެ. އަދި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ފޯމު ހުށައަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:
- ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ރަޖިސްޓަރކޮށްފައިވާ ވިޔަފާރިވެރިއެއްކަމުގައިވުން
- މީލާދީގޮތުން 18 އަހަރު ފުރިފައިވުން
- ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިންގުމުގެ އެއްބަސްވުމެއްގައިވާ ފަރާތެއްކަމުގައި ނުވުން
- އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ހުރި ފަރާތެއްކަމުގައި ނުވުން
ގޮޅީގެ މަހު ކުލީގެ ގޮތުގައި 7،500 ރުފިޔާ ދައްކަން ޖެހޭއިރު ލީސް ޑިޕޮސިޓްގެ ގޮތުގައި 22،500 ދައްކަންޖެހެއެވެ. ޑިޕޮސިޓް ދައްކަންޖެހޭނީ ގޮޅި ލިބޭ ފަރާތްތަކުން އެކަންޏެވެ. މީގެ ކުރިން މާރުކޭޓު ގޮޅިތަށް ދޫ ކުރަމުން އައީ ބީލަން އުސޫލުންނެވެ. އެގޮތުން ބީލަމުގެ އުސޫލުން ފޯމު ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ ފަރާތްތަކަށެވެ.