ނުފޫޒުގެ ބޭނުންކޮށް ހުޅުމާލެއިންނާއި ތިލަފުށިން ބިން ދޫކުރިކަމުގެ ތުހުމަތުގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުސޫލުން ބޭރުން ބިން ދޫކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑުކޮށްފައިވަނީ ބިޒްނަސް ޑިވެލޮޕްމެންޓް އަދި ސޭލްސްގެ އަންހެން މުވައްޒަފެކެވެ.

އަދި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން މިހާތަނަށް އެޗްޑީސީގެ ބަހެއް ވަނީ ލިބޭގޮަތް ނުވެފައެވެ.

ފާހަގަކުރޭ ގޮތުގައި ބިންވެރިޔާ ސްކީމާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައާއި ގުޅިގެން އެޗްޑީސީގެ 17 މީހަކު ސަސްޕެންޑުކޮށް، އޭގެ ތެރެއިން 3 މީހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެޗްޑީސީން އޭރު ވަނީ ބުނެފައެވެ.

މީގެތެރެއިން ބާކީ ތިބި 13 މީހުންގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ. އެއާއެކު އެ މީހުން މިހާރު ވަނީ ވަޒީފާއަށް ނިކުންނަން ފަށާފައެވެ.