މޯލްޑިވްސް މީޑިއާ ވިލެޖް ގާއިމް ކުރުމާ ގުޅޭ މަޝްވަރާތައް ޔޫތު މިނިސްޓްރީން ފަށައިފިއެވެ.
މިކަމާ ގުޅޭ ފުރަތަމަ މަޝްވަރާތައް އިއްޔެ ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބާއްވާފައި ވާއިރު އެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އާއި ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި، މީޑިއާ ވިލެޖް ހެދުމަށް ސަރުކާރުން ހަމަޖައްސާފައިވާ އިމާރާތާއި އެ އިމާރާތް ހުރި ގޮތާއި ގެންނަން ޖެހޭނެ ބަދަލުތަކާ ގުޅޭ ގޮތުން ކޮންޝްޓަރަކްޝަން މިނިސްޓްރީގެ އޮފިޝަލުންނާ މަޝްވަރާ ކުރެވިފައި ވެއެވެ. އެގޮތުން އޮންލައިން ތަކަށާއި ޓީވީތަކަށް ޖާގަ ހަމަޖައްސަން ޖެހޭ ގޮތާއި، މަލްޓިޕާޕަސް ހޯލާއި، ޕްރެސް ރޫމާއި ސްޓޫޑިއޯތަކާއި ކޮންފަރެންސް ހޯލް ހުންނަން ވާ ގޮތާ ބެހޭ މައުލޫމާތު ހިއްސާ ކުރެވިފައި ވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މީޑިއާ ވިލެޖް ގާއިމް ކުރުމަށް ކުރެވެމުން ދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.
މި މަޝްވަރާގައި ކޮންޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދު އާއި ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް އާއި ޑެޕިއުޓީ މިނިސްޓަރު ފާތިމަތު އިފާޝާ އަދި ފަންނީ މުވައްޒަފުން ބައިވެރިވަޑައިގަތެވެ.
ނިމިދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ އިމާރާތް މިހާރު ވަނީ ސަރުކާރަށް ނަގާފައި ކަމަށާއި އެތަނުގެ ބައެއް ފްލޯތަކުގައި މީޑިއާ ވިލެޖް ހަދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މީޑިއާ ވިލެޖް ހެދުމަށް ފަހު އެތަނުން މީޑިއަތަކަށް ވަކި އުސޫލެއްގެ މަތިން އެތަންތަން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެސްޓީއޯގެ އެ އިމާރާތުގައި ކުރަން ހުރި މަސައްކަތްތައް ނިންމައި މީޑިއާ ވިލެޖަށް ބޭނުންވާ ތަންތަން ދޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ ކުރިން ވެސް ވައުދުފުޅުވެވަޑައިގެން ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ސީޔާސީ ޕާޓީތަކަށް ވަކި ޕަސެންޓަކަށް ފައިސާ ދޫކުރާ ގޮތަށް މީޑިއާތަކަށް ވެސް ވަކި ޕަސެންޓެއްގެ ފައިސާ ދިނުމަށް ހަމަޖައްސާނެ ކަަމަށް ވިދާޅުވެފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި މިފައިސާ ދޭން ހިމަނާ އިރު އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ފައިސާ މީޑިއާއަށް ދިނުމަށް ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުކުރުވުމަށާއި މިނިވަން ކުރުމަށް ބަޖެޓުން ފައިސާ ދިނުމަކީ ނިމިދިޔަ ރިޔާސީ ކެމްޕެއިންގައި ރައިސް ވެވަޑައިގެން ވައުދުފުޅެކެވެ. މިހާރު ދައުލަތުގެ ކުންފުނިތަކުން މީޑިއާއަށް ފައިސާދޭ އުސޫލު ބަދަލު ކުރަންޖެހޭ ކަމަށާއި ބޭނުންވަނީ މީޑިއާތަށް މިނިވަން ކޮށްދިނުމަށް ކަމަށާއި މީޑިއާތަށް މިނިވަންވުމަށް ފުރުސަތުތަށް ފަހިކޮށްދީ އެ ފުރުސަތުތަކުގެ ބޭނުން ހިފޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް އޭރު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.