ހުޅުމާލޭގައި ތަރައްގީކުރާ "މީޑިއާ ވިލެޖް" ގެ ފިނިޝިން މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، މި މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ "މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ގްރައުންޑް ފްލޯގައި ތަރައްގީކުރާ މީޑިއާ ވިލޭޖްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. މިއީ ރާއްޖޭގެ މީޑިއާތަކަށް އޮފީސް އަދި ސްޓޫޑިއޯ ހިންގުމަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި މާލީ އިގްތިސާދީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އަމިއްލަ މީޑިއާތަކުން ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހުމުން ކުރިމަތިވާ ހަރަދުތައް ކުޑަކޮށްދީ، ވަރަށް ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަ ފޯރުކޮށްދިނުމެވެ. އެގޮތުން، މި ވިލެޖުގައި މީޑިއާތަކަށް ހާއްސަ 34 ޖާގަ ހިމެނޭނެއެވެ.

މެންހަޓަން ގްރޭންޑް ހޮޓެލްގައި ގާއިމު ކުރާ މީޑިއާ ވިލެޖުން މީޑިއާތަކަށް ދޫކުރާ ޖާގައެއް / ފޮޓޯ: އެޗްޑީސީ

މި މަޝްރޫއު ކުރިއަށްދަނީ މީގެ 17 އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްގީކުރަން ފެށި އިމާރާތުގައެވެ. އެ އިމާރާތް ތަރައްގީކޮށް ހިންގުމަށް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގައެވެ. "މެންހެޓަން ގްރޭންޑް"ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްގީ ކުރާއިރު، އެތަނުގެ ބައެއް ފަންގިފިލާތައް މީޑިއާ ވިލެޖުގެ އިތުރުން ޔޫތު ސެންޓަރަކާއި، މެޑިކަލް ކޮލެޖެއް އަދި ތަރިކަ ކޮލެޖެއް ގާއިމްކުރުމަށް ވަނީ ހާއްސަކޮށްފައެވެ.