މީޑިއާ ވިލެޖްގެ މަސައްކަތް ނިންމައި މި އަހަރު މެދުތެރޭ އެތަން ބޭނުން ކުރަން ފެށޭ ވަރު ވާނެ ކަމަށް ރައީސުލޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގައުމުގެ ހަމަޖެހުން ގާއިމްވެގެން ދިއުމުގައި އަދި ތަރައްގީގެ ދުވެލި ރައްޔިތުންނަށް ހާމަކޮށް ދިނުމުގައި އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމުގައި ހަރުދަނާ މީޑިއާއެއް ގާއިމްވެފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ. ސައްތައިން ސައްތަ އިސްލާމީ މުޖުތަމައުއެއްގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފަހައްޓަމުން ފަސް ކާފު ހަމަ، ތެދު ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ބަޖެޓުން 40 މީޑިއާއަކަށް 27 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވާނީ ދޫކޮށްފައި ކަަމަށް ރައީސް ވިދާޅުވިއެވެ. މީޑިއާތަަކަށް އޮފީސް އަދި ސްޓޫޑިއޯ ބޭނުމަށް އަމިއްލަ ފަރާތްތަކުން ތަންތަން ކުއްޔަށް ނަގަން ޖެހިފައިވާތީ މާލީ ގޮތުން މީޑިއާތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ވަރަށް ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަ ދޫކުރުމަށް ހަދަމުންދާ މިޑިއާ ވިލޭޖްގެ މަސައްކަތް ދަނީ ވަރަށް ހަލުވިކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަދަމުންދާ މީޑިއާ ވިލޭޛްގައި 34 ޖާގަ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މި ތަން ނިންމައި މީޑިއަތަކަށް މިތަން ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯ އިން ތަރައްގީ ކުރަމުން ދިޔަ ސިޓީ ހޮޓަލް އިމާރާތް ތަރައްގީކޮށް އެތަނުގެ ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. "މަންހަޓަން ގްރޭންޑު"ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްގީ ކުރާއިރު، އެތަނުގެ 3 ނުވަތަ 5 ފަންގިފިލާ ހާއްސަ ކުރަނީ، ޔޫތު ސެންޓަރަކާއެކު މީޑިއާ ވިލެޖާއި، މެޑިކަލް ކޮލެޖާއި، ތަރިކަ ކޮލެޖެއް ގާއިމް ކުރުމަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.
