ބ. ކެންދޫ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.
މި ހިދުމަތް ރަސްމީކޮށް ރައީސް ފަށްޓަވާދެއްވީ ބ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާއިން މާލޭ ވޯޓާ އެންޑް ސްވަރޭޖްއާއި ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫއެކެވެ. މަޝްރޫއުގެ އަގަކީ 48,296,421.71 ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން ގާއިމް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް އެޅުމާއި، ވޯޓާ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށްފައިވާ އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ދިނުން އަދި ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުން ހިމެނެއެވެ.
އަދި ހަމަ އެހެންމެ ވަސްކަނޑުވައިދޭ (އޮޑޯ ރިމޫވަލް) ސިސްޓަމެއް ބެހެއްޓުމާއި، ސުވަރޭޖް ޓްރީޓްމެންޓް ޕްލާންޓެއް ބެހެއްޓުމާއި، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބެހެއްޓުން ވެސް ހިމެނެއެވެ.
ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.