ވެރިކަމަށް ދެކެމުން އަންނަ ފޮނި އުންމީދުގައި މިއީ ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފެއްޓެވި ތިން ވަނަ ދަތުރެވެ. މީގެ ކުރިން ގާސިމް ފެއްޓެވި ކޮންމެ ދަތުރެއްގައިވެސް އޭނާއަށް އޮތް ތާއީދު ރަށްރަށުގެ މަލަމަތިން ފެންނަމުން ދިޔައެވެ. އެހެންނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް 11 ވަރަކަށް ދުވަހަށް ވެފައި ވާއިރު މީގެ ކުރިން ރަށްރަށުން ގާސިމަށް ފެނިގެން ދިޔަ ތާއީދަށް ވީ ކީއްތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ.
މީގެ ކުރިން ގާސިމް ބައިވެރިވެވަޑައިގެން 2013 ވަނަ އަހަރުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރާއްޖޭގެ އުތުރާއި ދެކުނުގެ ކޮންމެ ރަށަކަށް ވަޑައިގަން ކަމުގައި ވިޔަސް ޖޭޕީގެ ރަތް ދިދަ ނުފެންނަ ރަށަކަށް ނޭރޭއެވެ. ތާއީދު ނެތް ރަށްތަކަށް ފައިސާ ދީގެން ދިދަ ދަމާ ޕޯސްޓަރުތައް ހަރުކުރިއެވެ. އެތައް ހަރަދެއް މީގެ ކުރީގެ އިންތިހާބުތަކުގައި ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އެއްކޮން ބަންގުރޫޓުވީތޯވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ގާސިމް މި އިންތިހާބުގައި ކުރިމަތިލެއްވީ އޭނާގެ އަރިހުގައި ތިބި ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވެފައި ވާއިރު ކެމްޕެއިނަން ހަރަދު ކުރަން ދޭ ފައިސާކޮޅު ދަނީ އެ ބޭފުޅުންގެ އަތްމަތިން އެބޭފުޅުންނަށް ކަމަށްވެސް ސިޔާސީ މަސްރަހުގައި އުޅޭ ބައެއް ބޭފުޅުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.
22 ހާހަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީ ތަމްސީލުކުރަން ގާސިމްގެ އިތުރުން ދެން މަޖިލީހުގައި އިންނަވަނީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ. ގާސިމްގެ ކެމްޕެއިނުގައި އަލީ ހުސައިންވެސް އަމަލީ ގޮތުން ބައިވެރި ވެވަޑައިގަންނަވަމުން ގެންދެވި ނަމަވެސް އޭނާގެ ދާއިރާގައި ހިމެނޭ ހަ ރަށުގެ ތެރެއިން ޖޭޕީގެ ދިދަވެސް ފެނުނީ ހަމަ އެންމެ ރަށަކުންނެވެ. އެ ދާއިރާގައި ބ. ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަނު، އަދި ދަރަވަންދޫ ހިމެނޭއިރު ދިދައެއްވެސް ފެނުނު ހަމައެކަނި ރަށަކީ ކިހާދުއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްރަށަށް ވަޑައިގެންނެވިއިރު އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ ކެންދޫއިން އެހެން ރަށްރަށާ ހިލާފަށް އެމަނިކުފާނަށް ތާއީދު އޮތް މިންވަރެވެ. ބަނދަރު ސަރަހައްދު ޒީނަތްތެރިކޮން ގިނަ އަދަދެއްގެ ރައްޔިތުން ރައީސަށް މަރުހާބަ ކިޔަން އެ ރަށުން ނިކުތްއިރު އެ ރަށަކީ އަލީ ހުސައިންގެ ވެސް ރަށެވެ. ޖޭޕީގެ ކުލަވެސް އެ ރަށުގައި ފެންނަން ނެތް އިރު އެމްޑީޕީ، އަދާލަތު، އެމްޑީއޭ އަދި އިދިކޮޅު ޕީޕީއެމްގެ ދިދަތަކާ އެކު އެ ރަށުގައި ވިހުރެމުން ދިޔަ އަނެއް ދިދަ އަކީ އެމްއެންޕީގެ ދިދައެވެ.
އެކަމާ ގުޅިގެން އެ ރަށުގެ ކައުންސިލް ރައީސް އިބްރާހިމް އަބްދުއް ރަހުމާނާ ސުވާލުކުރުމުން ވިދާޅުވީ ޖޭޕީއަށް އެއްވެސް ތާއީދު އެ ރަށުގައި ނޯންނާނެ ކަމަށާއި މެންބަރު އަލީ ހުސައިން އެ ރަށަށް ވަޑައިގެން ގާސިމަށް ކެމްޕެއިން ކުރައްވާނެ ހިތްވަރު ހުރިހެން ހީވެސް ނުވާ ކަމަށެވެ. އަދި އިބްރާހިމް ވިދާޅުވީ މެންބަރު ހޮވައިދިނިމުން މެންބަރުން ވަޑައިގަތީ ތަރައްގީއާ ދުރަށް ކަމަށެވެ.
ޗާގޯސް މައްސަލައިގައި ކަނޑު ވިއްކާލި ކަމަށް ތަހުމަތުކޮށް އުފެދިގެން ދިޔަ އިއްތިހާދުގައި ބައިވެރިވި ސިޔާސީ ބޭފުޅުންގެ ތެރޭގައި އަލީ ހުސައިން ހިމެނިވަޑަައިގެންނެވި އިރު، އެކަމަށް އިޝާރާތް ކުރައްވާ އިބްރާހިމް ވިދާޅުވީ ދާއިރާގެ ތަރައްގީއާ ދުރަށްޖެހި ވަޑައިގެން މެންބަރު ކުރައްވަނީ ޗާގޯސް ހޯއްދެވުމުގެ މަސައްކަތް ކަމަށެވެ.
އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނަނީ ބޮޑު އަޣުލަބިއްޔަތަކުން މި ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެ ރަށުގައިވެސް ޕީޕީއެމްގެ އިތުރުން ޑިމޮކްރެޓްސްއާއި އެމްއެންޕީ އަށް ކޮންމެވެސް ވަރެއްގެ ތާއީދެއް އޮތް ކަމަށް ބައެއް މީހުން ބުނެއެވެ.
އިދިކޮޅުގެ ދިދައެއްވެސް ނުފެނުނު ދޮންފަނު!
އާބާދީގައި 600 އެއްހާ މީހުން އުޅޭ ދޮންފަނުން ފެނުނީ އަދި މިހާތަނަށް އެހެން ރަށަކުން ނުފެންނަ ފަދަ މަންޒަރެކެވެ. ޖޭޕީގެ ކުލައާއި ދިދިއެއް ނުފެނުނުތާ، ނާޒިމްގެ ޕޯސްޓަރެއް ފިޔަވާ އިދިކޮޅުގެ އިތުރު ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީގެ ކުލަވެސް އެ ރަށުން ފެންނާކަށް ނެތެވެ. މުޅިންވެސް ފެންނަން ހުރީ އެމްޑީޕީގެ އިތުރުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއެކު ކޯލިޝަން ހެދި ޕާޓީތަކުގެ ދިދައާއި ކުލައެވެ.
މިދިޔަ އިންތިހާބުގައި އެ ރަށުން ރައީސް ސޯލިހަށް 221 ވޯޓު ލިބިވަޑައިގެންނެވި އިރު ވާދަކުރެއްވި އިދިކޮޅުގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 72 ވޯޓެވެ. ދޮންފަނުގެ މީހުން ބުނާ ގޮތުގައި މި އިންތިހާބުގައި އެއަށްވުރެ ބޮޑު އަޣުލަބިއްޔަތެއް ރައީސް ސޯލިހަށް ލިބިވަޑައިގަންނާނެއެވެ.
މީގެ ކުރިން ދޮންފަނަކީ ޖޭޕީއަށް ވަރަށް ބޮޑު ތާއީދެއް އޮތް ރަށެކެވެ. އެ ރަށުގެ ރައްޔިތުން ބަނދަރަކަށް އެދި އެދި ތިއްބާ ފަޅެއް ކޮނެ ފުރަތަމަ ފަހަރަށް އެ ރަށުގައި ބަނދަރެއް ހައްދަވައި ދެއްވީވެސް ގާސިމެވެ. މީގެ ކުރީގެ ކައުންސިލްގައި ވެސް ޖޭޕީގެ މެންބަރުން ތިބި ނަމަވެސް ރައީސް ސޯލިހު ދޮންފަނަށް ގެނެސް ދެއްވި ޒަމާނީ ބަނދަރާއެކު އެ ރަށުގެ ފިކުރު މުޅިން ބަދަލުވީއެވެ.
އެ ރަށުން ވާހަކަދެއްކި މީހުން ބުނާ ގޮތުގައި ގާސިމް ކޮށްދެއްވި ކަންތައްތައް އެ ރަށުގެ މީހުން ދިޔައީ ބަލައިގަންނަމުންނެވެ. އެހެންނަމަވެސް ރަށު ތެރޭގައި ހުރި އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކޮށް ފުޓްސަލް ދަނޑެއްވެސް އަޅައިދެއްވީ ރައީސް ސޯލިހު ކަމަށް ވުމާއެކު ކުރިން އޮތް ފިކުރު ބަދަލުވެ ދިޔައީއެވެ.
އިދިކޮޅުގެ އެއްވެސް ދިދައެއް ނުފެނިގެން ސުވާލުކުރުމުން އެ ރަށުގެ މީހަކު ބުނީ އެ ރަށުގައި އިދިކޮޅުގެ ފިކުރު މިހާރު ނޯންނާނެ ކަމަށާއި އެމްޑީޕީ ބައިބައިވެ އުފެދުނު ޑިމޮކްރެޓްސް ވެސް އެ ރަށުގައި ނޯންނާނެ ކަމަށެވެ.
ގާސިމް މީގެކުރިން ވާދަކުރެއްވި އިންތިހާބުތަކަށް ނަޒަރު ހިންގާލާއިރު 2008 ވަނަ އަހަރު ގާސިމްއާއެކު ރައީސް މައުމޫނާއި ޑރ. ހަސަން ސައީދާއި ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް އިސްމާއިލް (އިބްރާ) ގެ އިތުރުން އުމަރު ނަސީރު ވާދަކުރެއްވިއެވެ. އެ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގެންނެވީ 27،056 ވޯޓެވެ.
އެއަށްފަހު ގާސިމް ވަނީ 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް ޔާމީންގެ އިތުރުން ރައީސް ނަޝީދާ ވާދަކުރައްވާފައެވެ. އެ އިންތިހާބުގައި ގާސިމަށް 50،422 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 53،099 ވޯޓެވެ. އަދި ރައީސް ނަޝީދަށް ވަނީ 95،224 ވޯޓު ލިބިވަޑައިގެންފައެވެ. އެ އިންތިހާބުގައި ޔާމީނަށް ވުރެ 2677 ވޯޓު މަދުވެ، ހަނިގޮތަކަށް ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުސަތު ގާސިމްގެ އަތުން ވަނީ ގެއްލިފައެވެ.
ދެން އުފެދޭ ސުވާލަކީ މީގެ ކުރީގެ އިންތިހާބުތަކުގައި ގާސިމަށް ލިބިވަޑައިގެން ވޯޓާ ގާތަށްވެސް މި އަހަރުގެ އިންތިހާބުގައި ވޯޓު ލިބިވަޑައިގަންފާނެތޯއެވެ. އަދި އެހެން އިންތިހާބުތަކާ އެއްގޮތަކަށް ގާސިމަކީ "ކިންގް މޭކާއަށް" މި ފަހަރުގެ އިންތިހާބުގައި ވާނެ ތޯއެވެ. އެ ސުވާލުގެ ޖަވާބު ރާއްޖޭގެ ރަށްތަކުން ވަރަށް ސާފުކޮށް ފެންނަ ކަމަށް ގަބޫލު ކުރެވެއެވެ.